ސުޕްރީމްކޯޓް – ހެދުނު އެންމެ ބޮޑު ގޯސް

Tuesday, 16 April 2013

 

ސުޕްރީމްކޯޓް – ހެދުނު އެންމެ ބޮޑު ގޯސް

 

 

ޤާނޫނުއަސާސީއަށް އަމަލުކުރަންފަށައި، ދިވެހިރާއްޖޭގެ ފުރަތަމަ ޑިމޮކްރަޓިކް ވެރިކަމުގެ ނިޒާމު – ދައުލަތް ނުވަތަ ސްޓޭޓް - އުފައްދައި ޤާޢިމުކުރުމަށް ޤާނޫނުއަސާސީގައި ކަނޑައަޅާފައިވާ 2 އަހަރު ދުވަހުގެ މުއްދަތު 7 އޯގަސްޓް 2010ގައި ނިމުމަކަށްއައިއިރު ދައުލަތުގެ ސުޕްރީމްކޯޓެއް، އުއްތަމަ ފަނޑިޔާރެއް، ސިވިލް ސަރވިސް ކޮމިޝަނެއް، ނެތެވެ. ހިޔުމަންރައިޓްސް ކޮމިޝަންވެސް އޮތީ އަލުން އައްޔަންކުރާންވެފައެވެ.

ޖުޑިޝަލް ސަރވިސް ކޮމިޝަންގެ ބައެއް މެމްބަރުން މަޤާމުގައި ދެމިތިބުމުން ޖޭ.އެސް.ސީ އޮތޭ ޓެކްނިކަލީ ބުނެވިދާނެ ނަމަވެސް، ބައެއް މެމްބަރުންގެ މަޤާމު ހުސްވެ، ކޮމިޝަނުގެ ރައީސެއް އަދި ނައިބުރައީސެއްވެސް ނެތި، އޮތީ ހުއްޓުމެއްގެތެރޭއެވެ. ކޮމިޝަނުގެ މަސްޢޫލިއްޔަތުގެތެރޭ ހިމެނޭ ކަންކަން  ކޮމިޝަނަށް އެނގުމަކާ ނުލާ ކޮމިޝަނުގެ ރައީސް ގެ ލަފާފުޅުގެ މަތީން ކުރަމުންދިޔަ ޢުޞޫލުން ޖޭ.އެސް.ސީގެ ސެކްރެޓޭރިއަޓް ނުވަތަ އިދާރާ އިން ކަންކަން ކޮށްލަމުންދިޔައެވެ. ޤާނޫނުއަސާސީ (2008)އަށް ފަހު ޖޭ.އެސް.ސީ ގެ ފުރަތަމަ ރައީސް، އޭރު ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެމްބަރު އަދި ކުރީގެ ޖަސްޓިސް މިނިސްޓަރ ސީނާ އަޙްމަދު ޒާހިރު ގެ މަސައްކަތްޕުޅުން ޖޭ.އެސް.ސީގެ އިދާރާ ފަރުމާކޮށް ރާވާފައިވަނީ އިހުގެ ޖަސްޓިސްމިނިސްޓްރީ ހިންގުމަށެވެ.

ޖޭ.އެސް.ސީގެ ސެކްރެޓަރީ ޖެނެރަލް ނުވަތަ އަމީންއާއްމުގެ މަޤާމުގައި ހުންނެވި މުނާ މުޙައްމަދު ޤާނޫނުއަސާސީގެ 285ވަނަ މާއްދާ އަށް އަމަލުނުކޮށް ޖޭ.އެސް.ސީ އިން ޤާނޫނުއަސާސީއާ ޚިލާފުވެ ޚިޔާނާތްތެރިވެފައިވާ މައްސަލަ ރައްޔިތުންގެމަޖިލީހަށް ހުށަހެޅުމާ ގުޅިގެން މަޖިލީހުގެ އިދާރާއިން ކަމާބެހޭ ލިޔެކިޔުމާއި އޯޑިއޯތައް ހޯދަން އެދުމުން އޯޑިއޯތައް އެޑިޓްކޮށްފައި ފޮނުވިކަމަށް އެއްބެސްވެ، އިސްތިއުފާ ދެއްވުމުން، ސެކްރެޓަރީ ޖެނެރަލް އެއްނެތެވެ.

ޤާނޫނުއަސާސީއަށް އަމަލުކުރަންފަށާތާ 2 އަހަރު ދުވަހުގެތެރޭ އައްޔަނު ކުރާންއޮތް ދިވެހިރާއްޖޭގެ ފުރަތަމަ ސުޕްރީމްކޯޓް އައްޔަނު ނުކުރެވި، އިންތިޤާލީ ސުޕްރީމްކޯޓް ދެމިއޮތެވެ. އުއްތަމަ ފަނޑިޔާރުގެ މަޤާމަށް ރައީސް ނަޝީދު ހުށަހެޅުއްވި އަލްއުސްތާޛު އަޙްމަދު ފާއިޒް ހުސައިން ގެ ނަން ފާސްކުރުމަށް އެޖެންޑާ ކުރުމެއްނެތި ޕެންޑިންގް ގައި އޮތެވެ. ރައީސް ނަޝީދު އާ އިދިކޮޅު ރައްޔިތުންގެމަޖިލީސްގެ މެޖޯރިޓީ އިން ބުނަމުން ދިޔައީ އުއްތަމަފަނޑިޔާރުގެ ނަންފުޅު އެކަނި ފާސްނުކުރެވޭނެކަމަށާއި ސުޕްރީމްކޯޓް ބެންޗް ފާސް ކުރެވޭނީ އެކުގައިކަމަށެވެ. ރައީސް ނަޝީދު ހުންނެވީ ސުޕްރީމްކޯޓުގެ ބެންޗުގެ އަދަދު ކަނޑައަޅައި ރައްޔިތުންގެ މަޖިލިސް އިން ޤާނޫނު ފާސް ނުކުރަނީސް މުޅި ބެންޗަށް ނަން ހުށަނާޅުއްވާށެވެ.  ޖޭ.އެސް.ސީ ތެރޭ ޤާނޫނުއަސާސީގެ 285ވަނަ މާއްދާއާ ދެކޮޅަށް ކުރި ހަނގުރާމަ ބޮޑުކަމުން ސުޕްރީމްކޯޓަށް ނަންހުށަޅަން ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާ ދެވޭވަރު ނުވެގެން އެކަންއޮތީ ނުވެއެވެ. ސުޕްރީމްކޯޓަށް ނަން ހުށަހަޅަން ބައެއް ޖޭ.އެސް.ސީ މެމްބަރުން، ޚާއްސަކޮށް މެމްބަރުންގެތެރޭ ހިމެނިވަޑައިގެންނެވި ފަނޑިޔާރުން، ނަން ލިސްޓެއްވެސް ގެންގުޅުއްވިއެވެ. އެހެންނަމަވެސް، ޖުޑިޝަލް ސަރވިސް ކޮމިޝަނަށް އޮތް އެންމެ ބޮޑު ދުސްތޫރީ ޒިންމާ، ޤާނޫނުއަސާސީގެ 285ވަނަ މާއްދާއަށް އަމަލުކޮށް ފަނޑިޔާރުން އައްޔަނުކުރުމުގެ ޒިންމާ އ ނުއުފުލިގެން ގޮސް ސުޕްރީމްކޯޓު ޤާއިމުކުރުމަށް މަޝްވަރާ ދެވޭވަރު އޮތީ ނުވެއެވެ.

ސުޕްރީމްކޯޓުގަ ތަޅުއެޅުވުން

7 އޯގަސްޓް 2010ގައި ސުޕްރީމްކޯޓުގަ ތަޅުއެޅުވުމަށް ރައީސް ނަޝީދު އަމުރުކުރައްވައިފިއެވެ. އިރުއޮއްސި ހައެއް ޖެހުމާއެކު ސިފައިން ސުޕްރީމްކޯޓް ހިނގަމުންދިޔަ ތީމުގޭގައި "ތަޅު އަޅުވައިފި" އެވެ. ސުޕްރީމްކޯޓެއް އައްޔަނުކޮށްފައެއްނެތެވެ.

ރައީސް ނަޝީދުގެ މި ނިންމުން ނިންމެވީ ކޮން މަޢުލޫމާތަކަށް ބިނާކުރައްވައިކަމެއް އަޅުގަނޑަކަށް ނޭނގެއެވެ، އަދި ކަންތައް ހިނގާދިޔަ ގޮތާއިމެދު އަޅުގަނޑުގެ އަމިއްލަ ވިސްނުމެއް އެބައޮތެވެ. އެހެންނަމަވެސް، މިއާއިއެކުވެސް، 7 އޯގަސްޓް 2010ގައި "ސުޕްރީމްކޯޓުގައި ތަލުއެޅުވުން" އެއީ ނުރައްކަލަކުން ސަލާމަތްވުމަށް ޓަކައި ގޯހަކަށް ހުރަސްއެޅި ސަލާމަތީ ފިޔަވަޅެއްކަމުގައި އަޅުގަނޑު ދިފާޢުކުރާނަމެވެ. "ސުޕްރީމްކޯޓުގައި ތަލުއެޅުވުން" ވީ އެރޭ ސުޕްރީމްކޯޓުގެ ތެރޭން ހިމޭން ބަޣާވާތެއް ގެނައުން ހުއްޓުވާލި އަމަލަކަށެވެ. 

އަޅުގަނޑަށް އެތެރެކޯލުން ލިބިހުރި މައުލޫމާތު ކުށްކަމުގައި ނުވަނީނަމަ، އިންތިޤާލީ ސުޕްރީމްކޯޓުން ޢަބްދުﷲ ސަޢީދު އާއި ބައިވެރިން ވަނީ އެރޭ އިއްވުމަށް ޙުކުމެއް ނުވަތަ ޤަރާރެއްވެސް ޑްރާފްޓްކޮށް ތައްޔާރުކުރައްވާފައެވެ. ރާވާފައިއޮތީ އިންތިޤާލީ މަރުހަލާ ނިމޭހިނދުން، އެރޭ، ކުއްލި މަޖިލީހަކަށް އިންތިޤާލީ  ސުޕްރީމްކޯޓް ގެ ބެންޗު އިށީނދެވަޑައިގެން، އެ ބޭފުޅުން ދާއިމީ ވެވަޑައިގެންފީމޭ ވިދާޅުވެ އެކަން އެގޮތަށް ނިންމަވާ އިޢުލާން ކުރައްވާށެވެ. އިންތިޤާލީ މަރުހަލާގެ މުއްދަތު 7 އޯގަސްޓް 2010އަށް ނިމުމުގެ ކުރީންވެސް، އަލްއުސްތާޛު ޢަބްދުﷲ ސަޢީދުވަނީ، އިންތިޤާލީ ސުޕްރީމްކޯޓުގެ ނަމުގައި، ތިމަންނާމެންނީ ސުޕްރީމްކޯޓު ފަނޑިޔާރުންނޭ، ތިމަންނާމެން 5 ފަނޑިޔާރުން މިތިބީ ދާއިމީ މަޤާމުގައޭ ބުނެ، އަންގައި، ރައީސުލްޖުމްހޫރިއްޔާއަށް ސިޓީފުޅެއް ފޮނުއްވާފައެވެ. އެ ސިޓީ އަކީ ވެސް އޭގެ ޒާތުގައި ބަޣާވާތެކެވެ.   ޤާނޫނުއަސާސީ އަށް އަމަލުކުރަން ފެށުމާއިއެކު، އެ ޤާނޫނުއަސާސީގެ ދަށުން ފުރަތަމަ އިންތިޚާބުކުރެވޭ ރައީސުލްޖުމްހޫރިއްޔާ، ދައުލަތުގެ ވެރިޔާގެ ހައިސިއްޔަތުން، ދިވެހިރާއްޖޭގައި ޑިމޮކްރަޓިކް ދައުލަތެއް އުފައްދައި، ޑިމޮކްރަޓިކް ވެރިކަމުގެ ނިޒާމެއް ޤާޢިމުކުރުމަށް، ޤާނޫނުއަސާސީ އިން ހަވާލުކޮށްފައިވާ އެންމެ ބޮޑު އެއް މަސްޢޫލިއްޔަތު އަދާކުރުމަށް ހުރަސް އަޅައި، ދައުލަތުގެ ވެރިޔާގެ ބާރުތައް އުނިކޮށް ނިގުޅައިގަންނަ  ސިޓީއެކެވެ.

ކޮންމެއަކަސް، އިންތިޤާލީ މަރުހަލާ ނިމުނުއިރު ޤާނޫނުއަސާސީގައިވާ ފަދައިން ސުޕްރީމްކޯޓް އައްޔަނުކޮށްފައި ނުވާހިނދު، ކުރިން ފޮނުވާފައިވާ ސިޓީގެ ބާރުން އިންތިޤާލީ ބެންޗު ދާއިމީ ވީކަމަށް ނިންމައި ދައުލަތުގެ ވެރިޔާގެ ބާރު ކަނޑުވާލުމަށް "ޙުކުމެއް" ނުވަތަ ޤަރާރެއް ވަނީ ޑްރާފްޓް ކުރައްވާފައެވެ. އަދި ހަމައެއާއިއެކު، ދާއިމީ ސުޕްރީމްކޯޓް ކަނޑައަޅުއްވާފައިނުވާހިނދު، ރައީސް ނަޝީދު ޤާނޫނުއަސާސީއާއި ޚިލާފުވެވަޑައިގެންފިކަމަށް އެރޭ ކަނޑައެޅުމަށް ނިންމަފައިވާކަމަށްވެސް އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވެއެވެ. މި ނިންމުންތައް ނިންމަވާފައިވަނީ ކޮން ޤާނޫނީހަމަތަކަކުން ވަޒަންކޮށްކަމެއް، އަދި މިއީ ސައްތައިން ސައްތަ ޞައްޙަ މަޢުލޫމާތުކަމެއްވެސް އަޅުގަނޑަކަށް ކަށަވަރެއް ނުކޮށްދެވޭނެއެވެ. އަޅުގަނޑު މިލިޔުނީ އަޅުގަނޑަށް އިތުބަރުކުރެވޭ ފަރާތްތަކުން މަޢުލޫމާތު ލިބި، އެނގިހުރި ކަންތައްތަކެވެ. އަޅުގަނޑަށް ކަށަވަރަށް އެނގެނީ އެދުވަސްވަރު އިންތިޤާލީ ސުޕްރީމްކޯޓް އާދަޔާޚިލާފަށް ބިޒީ ކަމެވެ. އެދުވަސްވަރު ކިތަންމެ ރެޔަކު މެންދަމުފަސްވެ ފަތިސް ވާންދެން އިންތިޤާލީ ސުޕްރީމްކޯޓް ހިންގަމުންދިޔަ ތީމުގޭ އެތެރޭ ބޮކިތައް ދިއްލާފައި ހުރެއެވެ. 

ޖެނުއަރީ 2012ގައި ޢަންދުﷲ މުޙައްމަދު "ބަންދުކޮށްގެން" ކަންހިނގާ ދިޔަ ފަދައިން، އިންތިޤާލީ މަރުހަލާނިމިގެންދިޔައިރު ސުޕްރީމްކޯޓް ބަްފުކޮށްގެންވެސް، ބަންދުކުރާން ޖެހުނީ ކީއްވެތޯ އެއްވެސް ފަރާތަކުން ތަހްޤީޤުކޮށް ބަލާކަށް ނޫޅެއެވެ.

އިންތިޤާލީ މަރުހަލާގައި އުއްތަމަ ފަނޑިޔާރުގެ ޓައިޓަލް އަމިއްލަފުޅަށް ނަންގަވައިގެން ހުންނެވި އަލްއުސްތާޛު ޢަބްދުﷲ ސަޢީދު ގެ ވާހަކަ އަޑުއައްސަވާލައްވާފައި ޕްރޮސެކިޔުޓަރޖެނެރަލް އަވަސްވެގަތީ ސިވިލްކޯޓަށް (އޭރުގެ މަދަނީ ކޯޓަށް) މައްސަލަ ހުށަހަޅައި "ސުޕްރީމްކޯޓް ހުޅުވުމަށް" ރައީސުލްޖުމްހޫރިއްޔާ/ އެމް.އެން.ޑީ.އެފް ގެ މައްޗަށް ކޯތު އަމުރެއް ނެރުއްވާށެވެ. އަޅުގަނޑު، ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ މެމްބަރެއްގެ ހައިސިއްޔަތުން ޕްރޮސެކިޔުޓަރޖެނެރަލް އާއި ބައްދަލުކުރުމަށް ފޯނުންގުޅާ އެދުމުން އަވަސްކޮށްލައްވައި ކުރުކޮށްލައްވާފައި ވިދާޅުވީ އެމަނިކުފާނު އިރުކޮޅަކުން ގުޅުއްވާނެ ކަމަށެވެ. އެ ފޯންކޯލެއް ނައެވެ. ޕްރޮސެކިޔުޓަރ ޖެނެރަލް އަޙްމަދު މުޢިއްޒު އަޅުގަނޑާ ފަރިތަކަމުން، މުޢިއްޒުއަށް "އެކުވެރި ވެލް" ނޫން އެހެން ހައިސިއްޔަތެއްގައި އަޅުގަނޑު ނުދެކެވެނީއެވެ. އެއްކޮޅުން "އުއްތަމަ ފަނޑިޔާރު" އަލްއުސްތާޛު ޢަބްދުﷲ ސަޢީދު އެވެ. އަނެއްކޮޅުން ވެލް އެވެ. ޕްރޮސެކިޔުޓަރޖެނެރަލްއަށް އެއް ހަމައަކުން ނުބެލުނެވެ.

ސުޕްރީމްކޯޓުގަ ތަޅުއެޅުވުމާއިއެކު، މުޅި އިންތިޤާލީ މަރްހަލާގައި ނިދާފައި އޮތް ޤާނޫނީވަކީލުންގެ ޖަމްޢިއްޔާ – ލޯ ސޮސައިޓީ އޮފް ދި މޯލްޑިވްސް – ވެސް އެރޭ ހޭލިއެވެ. ކުއްލިއަކަށް ހަރަކާތްތެރިވެ، ރައީސުލްޖުމްހޫރިއްޔާ ފަނޑިޔާރުގެއާ ބެހުން ކުށްވެރިކޮށް ލޯ ސޮސައިޓީގެ ސެކްރެޓަރީ އަލްއުސްތާޛާ ދީނާ ހުސައިން އެރޭ ނޫސްބަޔާނެއް ނެރުއްވިއެވެ. ދީނާ ހުސައިން އަކީ ޤާނޫނުއަސާސީ (2008) ލިޔަމުން ދިޔަ އިރު އެ މަސައްކަތުގެތެރޭ ޚާއްޞަ މަޖިލީހުގަވެސް ހަރަކާތްތެރިވެވަޑައިގެންނެވި ބޭފުޅަކަށް ވާތީއާއި، ޤާނޫނުއަސާސީ އިނގިރޭސިބަހަށް ތަރުޖަމާ ކުރައްވާފައިވާކަމަށްވެސް އޮންނަނީ ދީނާ ހުސައިން އެވެ. ކަން މިހެން ހުރިއިރު އަޅުގަނޑު ސިއްސައިގެން ދިޔައީ އިންތިޤާލީ މަރުހަލާގެތެރޭ ޖުޑިޝަލް ސަރވިސް ކޮމިޝަނުން ޚިޔާނާތްތެރިވެ ފަނޑިޔާރުގެ ޚަރާބުކުރިކަމުގެ މަޢުލޫމާތާއި ލިޔެކިޔުން ސީދާ އަޅުގަނޑު ލޯ ސޮސައިޓީގެ ރައީސް އަލްއުސްތާޛު ޝާހީން ޙަމީދުއަށް ފޯރުކޮށްދީފައިވާއިރު އެއްވެސް ބަހެއް މިއިންކަމެއްގަ ވިދާޅުވުމެއްނެތި މަޑުމަޑުން ތިއްބަވާފަ މިކަމުގެތެރެއަށް ސީދާ ސިޔާސީ ގޮތުގައި ވެދެވަޑައިގަތީމައެވެ. ޤާނޫނުއަސާސީގެ 285ވަނަ މާއްދާ ރަމްޒީކޮށް ޖޭ.އެސް.ސީ ގައި ކުރި ހިމޭން ބަޣާވާތާބެހޭގޮތުން ރައީސް ނަޝީދުއާއި ރައްޔިތުންގެމަޖިލީހަށް އަޅުގަނޑު ފޮނުވި ހުރިހާ ލިޔެކިޔުމެއް ލޯ ސޮސައިޓީގެ ރައީސް އަލްއުސްތާޛު ޝާހީން ޙަމީދުއަށްވެސް އަޅުގަނޑު ރައްދުކުރީމެވެ. ޝާހީން ޙަމީދަކީވެސް ޤާނޫނުއަސާސީ ލިޔުއްވުމުގައި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގައި އިންނެވި ބޭފުޅެއްވެސް މެއެވެ.

ޤައުމު އޮތީ ނާމާންކަމެއްގައެވެ.

ދާޚިލީ ސިޔާސީ ކަންކަމުގެތެރެއަށް ވަންނާން ފަސްޖެހޭ ބައިނަލްއަޤްވާމީ މުޖުތަމަޢުން ގެންދިޔައީ ސިޔާސީ މަޝްވަރާއިން ސުލްހަވެރި ސިޔާސީ ޙައްލެއް ހޯދުމަށް ބާރުއަޅަމުންނެވެ.  ދިވެހިރާއްޖެއަށް ޙަޤީޤަތުގައި ކުރިމަތިވެފައިވަނީ ދުސްތޫރީ މައްސަލައެއްކަމެއް، ސުވާލު އުފެދިފައި މިވަނީ ފަނޑިޔާރުގެއާއި މެދުގައި ކަމުން ޤައުމުގެތެރެއިން ޙައްލެއް ހޯދާނެ މަގެއް ނެތްކަމެއް، ޤާނޫނުއަސާސީ އާއި ދައުލަތާ އިދިކޮޅު ޙަރަކާތްތައް ހިންގަމުން ގެންދަނީ ޖުޑިޝަލް ސަރވިސް ކޮމިޝަނުންކަމެއް، އަދި މިހުރިހާ ކަންކަން ސިއްރުކޮށް ކުރުވާކަމަށް ތުހުމަތު ކުރެވެނީ ރައްޔިތުންގެމަޖިލީހަށްކަމެއް ފާހަގައެއް ނުކުރެވުނެވެ. ނޫނީ ޤަޞްދުގައި މިކަންކަމަށް ލޯމަރާލީއެވެ.

ބަރުއަޅައި ފިއްތަމުން ދިޔައީ އަވަސް ޙައްލަކަށެވެ. ރައީސް ނަޝީދު ހުންނެވީ ކަނަކަށްލާ ފިއްތާލާފައެވެ.

ސުޕްރީމްކޯޓް އައްޔަނުކުރުން

10 އޯގަސްޓް 2010 ދުވަހު ހެދުނު އަޅުގަނޑަށް ރައީސްއޮފީހުން އެސް.އެމް.އެސް އެއް ލިބުނެވެ. އެދުވަހު މެންދުރު ރައީސް އޮފީހުގައި ޖޭ.އެސް.ސީ މެމްބަރުންނާ އެކު ރައީސް ނަޝީދު ބާއްވަވާ ބައްދަލުވުމަކަށް ދައުވަތު ދެއްވައެވެ. އެޖެންޑާ ގައި އޮތީ ސުޕްރީމްކޯޓް ފަނޑިޔާރުން އައްޔަނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ މަޝްވަރާ ހޯއްދެވުމެވެ. އޭރު ރައްޔިތުންގެ މަޖިލީހުން ގެންދަނީ އެތައް މަހެއް ވަންދެން އަރާރުމުގެތެރޭ އެޖެންޑާނުކޮށް ބާއްވާފައިވާ ފަނޑިޔާރުންގެ ޤާނޫނާއި ކޯޓުތަކުގެ ޤާނޫނު ފާސްކުރަމުންނެވެ.

އެދުވަހު ރައީސްއޮފީހުގައި އޮތް ބައްދަލުވުމަށް އެންމެ ފުރަތަމަ ދެވުނީ އަޅުގަނޑަށެވެ. މެހްމާނުން ބައިތިއްބާ މާލަމަކަށް ގޮސް އިށީންތަނާ މަޖިލީހުގެ ރައީސް އަދި ޖޭ.އެސް.ސީގެ މެމްބަރ ޢަބްދުﷲ ޝާހިދު ވެދެވަޑައިގެންނެވިއެވެ. ޝާހިދުއަށް އަޅުގަނޑު ފެނުމާއެކު ހުރި އިސްތައްޓެއް ކޮޅަށް ޖެހުނު ކަހަލައެވެ. ވަރަށް ހިތްޕުޅު ހަމަނުޖެހި ސުވާލު ކުރެއްވީ ތިމަން މަނިކުފާނުގެ ނަން ކިޔަނީ ކީއްވެތޯއެވެ. އަޅުގަނޑު މިނިވަން ނޫހަށް ދިން އިންޓަރވިއުއެއްގައި ޝާހިދު ގެ ނަންކީ ވާހަކައެވެ. ޖަވާބުގައި އަޅުގަނޑު ދެންނެވީ އަޅުގަނޑު ނަން ކިޔަނީ ނަން ކިޔާން ޖެހުމުން ކަމަށާއި ކިޔާނީ ނުކިޔާނީ ކޮންނަމެއްތޯ ނިންމަނީ އަޅުގަނޑެއް ނޫނޭ އެވެ. ދެން ޝާހިދު ވިދާޅުވީ ތަޢުލީމީ ޝަރުތު ހަމަނުވާ ފަނޑިޔާރުން ޝަރުތު ހަމަކުރާން 7 (ހަތް) އަހަރު ދިނުމަށް ޤާނޫނަށް ހުށަހެޅި އިޞްލާޙަކީ އެމަނިކުފާނުގެ އިސްނެގުމެކޭއެވެ.

އެޔަކަށް އަޅުގަނޑު ބަހެއް ނުބުނަމެވެ. ޢަބްދުﷲ ޝާހިދަށްވެސް، އަޅުގަނޑަށްވެސް، އެއީ ކަނޑައެޅިގެން ޤާނޫނުއަސާސީގައި ކަނޑައަޅާފައިވާ ކަމެއް ބަދަލުކުރުންކަން އެނގޭއިރު، އަދި އެވިދާޅުވާ "އިޞްލާހަކީ" ޤާނޫނުއަސާސީގެ އަކުރަކަށް ފިއްޔަކަށް ބަދަލެއް ނުގެނެސް ޤާނޫނުއަސާސީ ބަދަލުކޮށްލައި ކޯޓްތަކުގެ މައްޗަށް ނުފޫޒުފޯރުވޭނޭ ކަމެއްކަން އެނގެއެވެ. ޤާނޫނުއަސާސީގެ 285ވަނަ މާއްދާ ނައްތާލަންވެސް ކަންކުރެއްވީ ހަމަ މި ޢުޞޫލުންނެވެ. ޤާނޫނުގެ މާނައެއް، ހަމައެއް، އަސާސެއް ބަލާލުމެއްނެތި މެޖޯރިޓީ އެއްބަސް ކިޔާ ޤާނޫނުއަސާސީގެ ބާރު ކަނޑުވާލުމަށް ނިންމީއެވެ. މިއީ ޤާނޫނުއަސާސީ އިން ތަންދޭ ކަމެއް ނޫނެވެ. ޤާނޫނީގޮތުން ޖުޑިޝަލް ސަރވިސް ކޮމިޝަނަށް ކުރެވޭނޭކަމެއް ވެސް ނޫނެވެ. މިކަމާ ދެކޮޅު ހަދާ އިންކާރުކުރުމުން މެޖޯރިޓީ ބައިހަދާ އެއް އަޑަކުން އަޑު އުފުލައި "ޑިމޮކްރަސީ އަކީ މެޖޯރިޓީ" އޭ ބުނެ އަޑުގަދަކޮށްލައި، ކަމާއި ގުޅުމެއް ނެތް ސިޔާސީ ވާހަކަތައް ދައްކައި ދުއްވާލުމުން އެނިމުނީއެވެ. ޤާނޫނުއަސާސީއަށް ޢިހްތިރާމް ކުރުމާއި ނުކުރުން، ޤާނޫނުއަސާސީއަށް އަމަލުކުރުމާއި ނުކުރުން، ވެސް މެޖޯރިޓީގެ ނިންމުމުންނޯއެވެ. ޤާނޫނުއަސާސީގެ އަސާސްތައް ނެގެހެއްޓުމާއި، ޤާނޫނާއި ޤަވާއިދާއި ކަނޑައެޅިފައިވާ އުޞޫލުން ކަންކުރުމާއި، ޤާނޫނުގެވެރިކަން ދެމެހެއްޓުންވެސް ޖުޑިޝަލް ސަރވިސަސް ކޮމިޝަނުގެ މެމްބަރުންގެ މެޖޯރިޓީ އެއްބަސްވަންޏާއެވެ!

ޖުޑިޝަލް ސަރވިސް ކޮމިޝަން: ހިމެނެނީ ކޮން ބޭފުޅުންނެއް؟

ކޮންމެއަކަސް ގަޑިން އެކެއް ޖެހިއިރު ދަށުކޯޓްތަކުން އައްޔަނުކުރައްވާފައިވާ މެމްބަރު، ކްރިމިނަލްކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ދީދީ ފިޔަވައި އެވަގުތު ކޮމިޝަނުގެ މެމްބަރުންނަށް ތިއްބެވި ބޭފުޅުންވަޑައިގެންފިއެވެ. އާއްމުރައްޔިތުންގެ ތެރެއިން ރައްޔިތުންގެމަޖިޅިހުގެ ވޯޓުން ކަނޑައަޅުއްވާފައިހުންނެވި މެމްބަރު އައްޝައިޚް ޝުޢައިބު ޢަބްދުއްރަޙްމާންވީ ރާއްޖެއިން ބޭރުގައި، ޢުމްރާއަށް ވަޑައިގެންނެވެ.

ޤާނޫނުއަސާސީގެ 158(ވ) ގެ ދަށުން ޖޭ.އެސް.ސީގެ މެމްބަރު، ބަންޑާރަ ނާޢިބު، ގެ މަޤާމުގައި ހުންނެވި އަލްއުސްތާޛު ހުސުނުއްސުޢޫދު އިންތިޤާލީ މަރުޙަލާގެ 2 އަހަރު ނިމުމާއެކު 8 އޯގަސްޓް 2010 ގައި އިސްތިޢުފާ ދެއްވާފައިވުމުން އެ ގޮނޑި ހުރޫ ހުސްވެފައެވެ. މީޑިޔާ އިން ޚަބަރު ފެތުރި ގޮތުގައި ސުޢޫދު އިސްތިއުފާ ދެއްވީ "ދައުލަތުން ޒިންމާ ނެގުމަށް ނުކުޅެދުމުގެ ޒިންމާ އެމަނިކުފާނު އުފުލުމަށެވެ."

"އަޅުގަނޑު އިސްތިއުފާ ދިނީ... ވަރަށް ގިނަ ކަންތައް އެބަހުރި ނުނިމި، ޕެންޑިންގް. އަޅުގަނޑު ޤަބޫލުކުރާގޮތުގައި ދައުލަތުގެ މުއައްސަސާތަކުން ޒިންމާ ނުއުފުލައި ފެއިލްވެއްޖެ. އެހެންވީމާ އަޅުގަނޑު ޤަބޫލުކުރަނީ ކޮންމެވެސް މީހަކު ޒިންމާ އުފުލަން ޖެހޭނެކަމަށް،" ސުޢޫދު އިންޓަރވިއުއެއްގައި ވިދާޅުވިކަމަށާއި، އިސްތިއުފާދެއްވީ ދުސްތޫރީ ހުސްކަމަށް ޒިންމާ ނެގުމަށް ކަމަށް ބޭރުގެ ނޫސްތަކުގައި ލިޔެފައިވެއެވެ.

މެމްބަރު 158 (ށ) ސުޕްރީމްކޯޓް ފަނޑިޔާރުގެ މަޤާމާއި މެމްބަރު 158 (ކ) ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ގެ މަޤާމުވަނީ 7 އޯގަސްޓް 2010ގައި އިންތިޤާލީ މަރުހަލާ ނިމުނުއިރުގެ ހުސްކަމުގައި މި ދެ މުއައްސަސާ ހުއްޓި ހުސްވެފައެވެ.

އެހެންކަމުން، އެދުވަހު، 10 އޯގަސްޓް 2010ގައި ސުޕްރީމްކޯޓް އައްޔަނުކުރުމުގައި ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާ ދިން އިރު، ޙަޤީޤަތުގައި ޤާނޫނީ މުއައްސަސާއެއްގެ ގޮތުގައި ޖުޑިޝަލް ސަރވިސް ކޮމިޝަނެއް ނެތޭވެސް ބުނެވިދާނެއެވެ. އަދި 7 އޯގަސްޓް 2010 ގައި ކޮމިޝަން ރޫޅިގެން ދިޔުމުގެ ކުރީން ސުޕްރީމްކޯޓް ފަނޑިޔާރުން އައްޔަނުކުރުމާމެދު ކޮމިޝަނުން މަޝްވަރާކޮށްފައެއްވެސް ނުވެއެވެ.

7 އޯގަސްޓް 2010ގައި މުޖުތާޛު ފަހްމީ ވަކިވުމުން ކޮމިޝަނުގައި ރައީސެއް ނައިބުރައީސެއް ނެތެވެ. 21 ޖެނުއަރީ 2010ގައި ހައިކޯޓް ފަނޑިޔާރުންގެ މިޔުޓިނީއަކުން، އޭރު ޖޭ.އެސް.ސީގެ ރައީސަށް ހުންނެވި، އޭރު ހައިކޯޓުގެ އިސްފަނޑިޔާރު، އަލްއުސްތާޛު ޢަބްދުލް ޣަނީ ވަކިކޮށް އޭރު ކޮމިޝަނުގެ ނައިބު ރައީސަށް ހުންނެވި އަލްފާޟިލް މުޖުތާޛު ފަހްމީ ވަގުތީގޮތުން ކޮމިޝަނުގެ ރައީސްކަމާއި ހަވާލުވެވަޑައިގެން ކޮމިޝަން ހިސޯރުކުރައްވައި، އިންތިޚާބެއް ބޭއްވިޔަނުދީ ދޮޅު މަސްދުވަހު ހުންނެވުމަށްފަހު، 11 މާރޗް 2010ގައި ނައިބުރައީސް އަދި ވަގުތީ ރައީސްކަމުގެ މަޤާމުގައި ހުންނަވައިގެން ރައީސްކަމަށް ހޮވިވަޑައިގަތުމަށްފަހު ނައިބްރައީސަކު އިންތިޚާބު ކުރުމަށް ފުރުޞަތު ނުދީ ކޮމިޝަން އޮތީ މުޖުތާޛު ފަހުމީ ގެ އަތްފުޅުގައެވެ. މުޖުތާޛު ފަހުމީ ވަކިވުމުން ރިޔާސަތު ގެއްލި، ކޮމިޝަނެއް ނެތެވެ.

ކަންމިހެންހުރުމުން، 10 އޯގަސްޓް 2010ގައި ރައީސް ނަޝީދު އާއި ބައްދަލުކުރެއްވީ ޖޭ.އެސް.ސީ މެމްބަރުން ގޮތުގައި އޭރުތިއްބެވި 6 ބޭފުޅެކެވެ. އެއީ،

  1. ޤާނޫނުއަސާސީގެ 158ވަނަ މާއްދާގެ (ހ)ގެ ދަށުން ޖޭ.އެސް.ސީގެ މެމްބަރުކަމުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާޙިދު؛ 158

2.     ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ނ)ގެ ދަށުން ހައިކޯޓުގެ ފަނޑިޔާރުން އައްޔަނުކުރައްވާފައިހުންނެވި މެމްބަރު އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲ؛

3.     ޤާނޫނުއަސާސީގެ 158ވަނަ މާއްދާގެ (ރ)ގެ ދަށުން ދަށުކޯޓުތަކުގެ ފަނޑިޔާރުން އައްޔަނުކުރރެއްވި މެމްބަރު ކްރިމިނަލްކޯޓު ޤާޟީ އަލްފާޟިލް ޢަބްދުﷲދީދީ؛

4.     ޤާނޫނުއަސާސީގެ 158ވަނަ މާއްދާގެ (ރ)ގެ ދަށުން ރައްޔިތުންގެމަޖިލީހުގެ މެމްބަރުންގެ ތެރެއިން ޖޭ.އެސް.ސީ އަށް އައްޔަނުކުރެއްވި މެމްބަރު ޑރ. އަފްރާޝީމް ޢަލީ؛

5.     ޤާނޫނުއަސާސީގެ 158ވަނަ މާއްދާގެ (މ)ގެ ދަށުން ޤާނޫނީ ވަކީލުން އައްޔަނުކުރައްވާފައިވާ މެމްބަރު އަލްއުސްތާޛު އަޙްމަދު ރަޝީދު؛ އާއި

6.     ޤާނޫނުއަސާސީގެ 158ވަނަ މާއްދާގެ (އ)ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ޖޭ.އެސް.ސީ އަށް ކަނޑައަޅުއްވާފައިހުރި މެމްބަރު، އަޅުގަނޑު، އާއިޝަތު ވެލެޒިނީއެވެ.

10 މެމްބަރުން ހިމެނޭ ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ ކޯރަމްއަކީ ދެބައިކުޅައެއްބަޔާއި އެކެކެވެ. (50 + 1؛ ފިފްޓީ+ވަން) 10 މެމްބަރުންގެ ތެރެއިން 6 މެމްބަރުން ހަމަވުމުން ވުމުން ޖަލްސާއެއްގެ ކޯރަމް ލިބުނީއެވެ. 

ރިޔާސަތުގައި އިންނެވީ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު އެވެ. ބައްދަލުވުމުގައި ބައިވެރިވި ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ 6 މެމްބަރުންގެ އިތުރުން ދެން އެކޮޓަރީގައި އިންނެވީ ޔައުމިއްޔާ ނަންގަވާން އިންނެވި ރައީސުލްޖުމްހޫރިއްޔާގެ ސެކްރެޓަރީ ރުޤިއްޔާ އަޙްމަދު ދީދީއެވެ. އަޅުގަނޑުމެން ކުރިމަތީ މޭޒުމަތީގައި 17 ބޭފުޅެއްގެ ނަމާއި އެބޭބޭފުޅުންގެ ވަނަވަރާއި ރެކޯޑްތައް ހިމަނާ ތައްޔާރުކޮށްފައިވާ މަޢުލޫމާތު ފޮތެއް އޮތެވެ. އެއީ، އުއްތަމަ ފަނޑިޔާރަކު ޚިޔާރުކުރެއްވުމަށް ޓަކައި ރައީސްނަޝީދު އެކުލަވާލެއްވި އިންތިޤާލީ ސުޕްރީމްކޯޓް ފަނޑިޔާރުންނާއި، ހައިކޯޓް ފަނޑިޔާރުންނާއި، އަދި އެހެން ބައެއް އެކަށީގެންވާ ބޭފުޅުންގެ ލިސްޓަކަށް ޖޭ.އެސް.ސީގެ އިދާރާއިން އިން މަޢުލޫމާތު އެއްކޮށް ތައްޔާރުކޮށް ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވާފައިވާ މަޢުލޫމާތެވެ.

އުއްތަމަ ފަނޑިޔާރުކަމަށް އިންތިޤާލީ ސުޕްރީމްކޯޓުގައި ހުންނެވި ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު ފާއިޒް ހުސައިން ގެ ނަން ފޮނުއްވެވުމުގެ ކުރީންވެސް ވަނީ މިފަދަ ބައްދަލުވުމެއް ބާއްވަވާފައެވެ. އެދުވަހު، ޖޭ.އެސް.ސީ އާއި ބައްދަލުކުރައްވައި ރައީސް ނަޝީދު އެދިވަޑައިގަތީ ލިސްޓްގައިވާ އެއްވެސް ބޭފުޅަކު އުއްތަމަ ފަނޑިޔާރުކަމަށް އެކަށީގެންނުވާ އެއްވެސް ސަބަބެއް ވާނަމަ، އެ މަޢުލޫމާތެއް ރައީސުލްޖުމްހޫރިއްޔާ އާއި ހިއްސާ ކުރެއްވުމަށެވެ. ޖޭ.އެސް.ސީ މެމްބަރުންނަށް ލިބިވަޑައިގެންނެވި ފުރުޞަތުގައި ވަރަށް މަޢުލޫމާތު ޙިއްސާކުރެއްވިއެވެ. އެއް މެމްބަރަކަށް ވުރެން ބޮޑަށް އަނެއް މެމްބަރަކު ލިސްޓުގައިވާ ބޭބޭފުޅުން ދަންނަކަމާއި އެބޭބޭފުޅުންނާ ފަރިތަކަން އަންގައިދެއްވަމުން ޖޭ.އެސް.ސީ މެމްބަރުގެ ހައިސއްޔަތުން އެނގިހުރި މަޢުލޫމާތު ބަހައްޓަވައި އެބޭބޭފުޅުންގެ ގޭތެރެއިންނާއި ގޭދޮށުން އެނގި ހުރި ވާހަކަތައް ޖޭ.އެސް.ސީ މެމްބަރުން ރައީސް ނަޝީދަށް ވިދާޅުވެދެއްވިއެވެ. އޭރު ބަންޑާރަނާއިބުގެ މަޤާމުގައި ހުންނެވި އަލްއުސްތާޛު ހުސްނުއްޞުޢޫދަކީ ޢަބްދުﷲ ޞަޢީދު އަކީ ޤާނޫނީވަކީލެއްގެ ހައިސިއްޔަތުން ކޯޓްތަކުގައި ގިނަދުވަހަކު މަސައްކަތްކޮށްފައިވާ އަދި ޢަބްދުﷲ ޞަޢީދު އާއި ވަރަށް ފަރިތަ ބޭފުޅެއް ކަމަށްވީ ހިނދު، ޢަބްދުﷲ ސަޢީދު އަކީ އެއްގޮތަކަށްވެސް އުއްތަމަ ފަނޑިޔާރަކަށް އެކަށީގެންވާ ބޭފުޅެއްނޫންކަން ޞުޢޫދު ބާރުއަޅުއްވައި ފާހަގަކުރެއްވިއެވެ.

އެދުވަހު އުއްތަމަ ފަނޑިޔާރެއް ނިންމެވުމަށްޓަކައި ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ މަޝްވަރާ  ހޯއްދެވުމަށް ރައިސުލްޖުމްހޫރިއްޔާ ބޭއްވެވި ބައްދަލުވުމާއި 10 އޯގަސްޓް 2010 ދުވަހު ސުޕްރީމްކޯޓް ބެންޗު  ނިންމެވުމަށްޓަކައި ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ މަޝްވަރާ  ހޯއްދެވުމަށް ރައިސުލްޖުމްހޫރިއްޔާ ބޭއްވެވި ބައްދަލުވުމާއި ހުރި ބޮޑު އެއް ތަފާތަކީ ކުރީ ދުވަހު ބައްދަލު ކުރެއްވި އިރު ހިނގަމުންދާ މުއައްސަސާއެއްގެ ގޮތުގައި ޖޭ.އެސް.ސީ އޮތްކަމެވެ.

އުއްތަމަފަނޑިޔާރަށް އަލްއުސްތާޛް އަޙްމަދު ފާއިޒް ހުސައިން ކަނޑައެޅުއްވުމަށް ރައީސް ނަޝީދު ވަނީ 7 އޯގަސްޓް 2010ގެ ކުރީން ރައްޔިތުންގެމަޖިލީހަށް ނަން ފޮނުއްވާފައެވެ. އެހެންނަމަވެސް، ރައްޔިތުންގެ މަޖިލީސްތެރޭ ކުރަމުންދިޔަ ޒުވާބުތަކުގައި އެކަމަށް ފަރުވާލެއްނުދީ، އަޅާނުލައި ބާއްވާލާފައި އޮތީއެވެ. މައްސަލަ އެޖެންޑާ ކުރެވޭނީ މުޅި ސުޕްރީމްކޯޓް ބެންޗުގެ ނަންތައް ފޮނުއްވުމުންނޭ، އުއްތަމަފަނޑިޔާރުގެ ނަންފުޅު އެކަންޔެއް ފާސްނުކުރެވޭނެއޭ، ވިދާޅުވެ މަޖިލީސްގެ ރައީސް މައްސަލަ އެޖެންޑާއެއް ނުކުރައްވައެވެ. އުއްތަމަފަނޑިޔާރަކީ ވަކި ޤާނޫނީ ޝަޚްސެއް ކަމެއްނެތެވެ.

ސުޕްރީމްކޯޓް ބެންޗަށް ފަނޑިޔާރުން ކަނޑައަޅާން ނަންކިޔުން

10 އޯގަސްޓް 2010 ގައި ރައީސް ނަޝީދު ޖަލްސާ ފެށްޓެވީ އެދުވަހުގެ ބައްދަލުވުމަކީ ސުޕްރީމްކޯޓަށް ފަނޑިޔާރުން އައްޔަނުކުރައްވާން ނަންތައް ކަނޑައެޅުއްވުމަށްޓަކައި، ޤާނޫނުއަސާސީގައިވާ ގޮތުގެ މަތީން ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ މަޝްވަރާ ހޯއްދެވުމަށް ބާއްވަވާ ބައްދަލުވުމެއްކަމަށް ވިދާޅުވެއެވެ. އަދި އެއަށްފަހު ޖޭ.އެސް.ސީ މެމްބަރުންނަށް ހުޅުވާލެއްވިއެވެ.

ޤާނޫނުއަސާސީގެ 148ވަނަ މާއްދާގެ (ހ)ގައި ބުނަނީ؛ ސުޕްރީމްކޯޓުގެ އެންމެހައި ފަނޑިޔާރުން އައްޔަނުކުރާނީ ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާއެވެ. މިގޮތުން ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް އައްޔަންކުރާމީހުން ކަނޑައަޅާނީ ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ މަޝަވަރާގެ މަތީން ރައްޔިތުންގެމަޖިލީހަށް ހުށަހެޅުމަށްފަހު ޖަލްސާއަށް ހާޟިރުވެ ވޯޓުގައި ބައިވެރިވި މެމްބަރުންގެ އަޣްލަބިއްޔަތުން އެނަންތަކެއް ފާސްވުމުންނެވެ.؛ އެވެ.

މިއީ ފުރަތަމަ ފިޔަވަޅެވެ.

އަޅުގަނޑު ހަނދާންވާގޮތުގައި އެންމެ ފުރަތަމަ ވާހަކަދެއްކެވީ އޭރު ހައިކޯޓް ފަނޑިޔާރެއްގެ ހައިސިއްޔަތުން ޖޭ.އެސް.ސީ މެމްބަރަކަށް އިންނެވި އަލްއުސްތާޛް އާދަމް މުޙައްމަދު ޢަބްދުﷲ އެވެ. (މިހާރު ޖޭ.އެސް.ސީގެ ރައީސަށް އެ އިންނަވާ ސުޕްރީމްކޯޓުގެ ފަނޑިޔާރު އާދަމް މުޙައްމަދެވެ.) އާދަމް މުޙައްމަދުގެ ކަންބޮޑުވުމަކަށްވީ ސުޕްރީމްކޯޓުގެ ފަނޑިޔާރަކަށް އޭނާގެ ނަންހުށަހަޅާން އޭނާ އިންނެވުމެވެ. އަޅުގަނޑުގެ ނަން މަޝްވަރާ ކުރާން އަޅުގަނޑަކަށް ނީނދެވޭނެއޭ، އަޅުގަނޑު ނިކުތިއްޔާ ކޯރަމް ގެއްލޭނެއޭ ވިދާޅުވެ އާދަމް މުޙައްމަދުގެ ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އަދި އޭރު އެއްވެސް ނަމެއް ނުކިޔެއެވެ. ހައިކޯޓްގަ އޭރު ތިއްބެވި ހުރިހާ ފަނޑިޔާރުންގެ ނަންތައްވެސް، ހައިކޯޓްގައި ތިއްބެވިއްޔަތީ، ލިސްޓްގައި ހިމަނާފައިވުމުން، އާދަމް މުޙައްމަދުގެ ނަންވެސް އަޅުގަނޑުމެން ކުރިމަތީގައިވާ ލިސްޓްގައި ހިމެނެއެވެ. 

މިދުވަހުވެސް، ރައީސް ނަޝީދު ރިޔާސަތުގައި އިންނެވުމާމެދު އިއުތިރާޒުކުރައްވައި ޑރ. އަފްރާޝީމް ޢަލީ ވާހަކަފުޅު ދެއްކެވިއެވެ. އެހެންނަމަވެސް، އެއީވެސް އުއްތަމަފަނޑިޔާރެއްގެ ނަމަށް މަޝްވަރާކުރެއްވި ބައްދަލުވުމުގައިވެސް މައްސަލަނެގި، މައްސަލައަކަށްނުވެ، ނިމިފައޮތް މައްސަލައެކެވެ.

ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ މެމްބަރު 158 (ހ)، ރައްޔިތުންގެމަޖިލީހުގެ ރައީސް އަލްއުސްތާޛް ޢަބްދުﷲ ޝާހިދު އެދިވަޑައިގަތީ އަޅުގަނޑުމެން ކުރިމަތީވާ ލިސްޓުގެ ބޭރުން، އިތުރު ބޭފުޅުންގެ ނަންފުޅު ހުށަހެޅުއްވިދާނެތޯއެވެ. ރައީސް ނަޝީދު ވިދާޅުވީ އާދެއެވެ، އެއީ ކޮމިޝަނުގެ ކަމެކެވެ، އެވެ. އިތުރު ނަން ހުށަހެޅުމަށް ފުރުޞަތު ހުޅުއްވައިދެއްވުމަށްފަހު ޑރ. މުއްތަސިމް އަދްނާންގެ ނަން ޢަބްދުﷲ ޝާހިދު ހުށަހެޅުއްވިއެވެ. އެއީ ލިސްޓުގައި ހިމެނިވަޑައިގެންނެވި ނަންފުޅެކެވެ.

އިހިސާބުން ޑރ. އަފްރާޝީމް ޢަލީ މަޝްވަރާދެއްވާ ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް ލިސްޓެއް ހުށަހަޅުއްވާލެއްވިއެވެ. ލިސްޓުންނާއި ލިސްޓުގެ ބޭރުންނެވެ. އޭގެ ތެރޭގައި ރައްޔިތުންގެމަޖިލީހުގެ އަމީންއާއްމުގެ މަޤާ،ުގައި އޭރުވެސް، އަދި މިހާރުވެސް ހުންނެވި އަލްއުސްތާޛް އަޙްމަދު މުޙައްމަދު، އޭރު ރައްޔިތުންގެ މަޖިލީހުގެ ލީގަލް ކައުންސެލްގެ މަޤާމުގައި ހުންނެވި ޑރ. އަޙްމަދު ޢަބްދުﷲ ދީދީ، އިންތިޤާލީ ސުޕްރީމްކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އަލްފާޟިލް މުޖުތާޛު ފަހްމީ، އަމިއްލަފުޅަށް އުއްތަމަފަނޑިޔާރުކަމަށް ކަނޑައަޅުއްވައި އިޢުލާންކުރައްވައިގެން ހުންނެވި އިންތިޤާލީ ސުޕްރީމްކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް ޢަބްދުﷲ ސަޢީދު، 21 ޖެނުއަރީ 2010ގައި ހިންގި ހައިކޯޓު މިޔުޓިނީގެ ދެ ލީޑަރުން ކަމުގައިވާ އަލްއުސްތާޛް އަލީ ޙަމީދާއި އަލްއުސްތާޛް އާދަމް މުހައްމަދު ޢަބްދުﷲ އާއި މީގެ އިތުރުންވެސް، އަޅުގަނޑު މިވަގުތު ހަނދާން ނެތް، ޑރ. އަފްރާޝީމްގެ ދުވަސްވީ ރަޙްމަތްތެރީން ހިމެނިވަޑައިގަންނަވައެވެ.

ނަންތައް ވިދާޅުވަމުން، ޑރ. އަފްރާޝީމް އަމިއްލަފުޅަށް ލަދުފުޅުގަނެ، މަޢާފަށްވެސް އެދި ވަޑައިގަތެވެ. ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ބޭފުޅުންގެ ނަންތައް ލިސްޓުގަވާތީއެވެ. ރައްޔިތުންގެމަޖިލީހުގެ އަމީންއާއްމު އަލްއުސްތާޛް އަޙްމަދު މުޙައްމަދާއި ރައްޔިތުންގެ މަޖިލީހުގެ ލީގަލް ކައުންސެލް ޑރ. އަޙްމަދު ޢަބްދުﷲ ދީދީގެ ނަންފުޅު ހުށަހަޅުއްވަނީ އެއީ ވަރަށް ރަގަޅު ދެބޭފުޅުންކަމަށްވާތީ ކަމަށާއި، ޑރ. އަފްރާޝީމް ޢަލީ އަކީ ރައްޔިތުންގެމަޖިލީހުގައި އުޅުއްވާ ބޭފުޅެއްކަމުން މި ދެބޭފުޅުންނާވެސް ވަރަށް ގާތް ކަމަށާއި، ދެ ބޭފުޅުންވެސް ޑރ. އަފްރާޝީމް ޢަލީ ވަރަށް ރަގަޅަށް ދެނެވަޑައިގަންނަވަންކަމަށާއި، އެއީ ސުޕްރީމްކޯޓުގެ ފަނޑިޔާރުންނަށް ވަރަށް އެކަށީގެންވާ ދެ ބޭފުޅުންކަމުގައި ޑރ. އަފްރާޝީމް ޢަލީ ވިދާޅުވިއެވެ. އަދި، މުޖުތާޛު ފަހްމީގެ މޮޅުކަމާއި މާތްކަމާއި ސުޕްރީމްކޯޓް ފަނޑިޔާރުކަމަށް ކޮންމެހެންވެސް ނަންގަވަންޖެހިވަޑައިގަންނަވާކަމާމެދު މެދު ވެސް ވަރަށް ފުރިހަމަ ތަޤްރީރެއް އަފްރާޝީމް އިއްވެވިއެވެ.

އަޅުގަނޑުގެ ފުރުޞަތުގައި، އަޅުގަނޑުމެން ކުރާންތިބި ކަމަކީ ދިވެހި ޖުމްހޫރިއްޔާގެ ސުޕްރީމްކޯޓް އައްޔަނުކުރުން ކަން ފާހަގަ ކުރީމެވެ. އަދި މި އައްޔަނުކުރާ ސުޕްރީމްކޯޓް ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރުން އުމުރަށް މަޤާމުގައި ތިއްބަވާއިރު ކުރިއަށް އޮތް 30 އަހަރުވެސް އައު ފަނޑިޔާރަކު ސުޕްރީމްކޯޓު ބެންޗަށް ނައުމަކީ އެކަށީގެންވާކަމެއް ކަމަށާއި، އެހެންކަމުން ސުޕްރީމްކޯޓު ބެންޗުގައި އަންހެން ފަނޑިޔާރަކު ހިމެނުމުގެ މުހިއްމުކަން ފާހަގަކުރީމެވެ.

އެއާއިއެކު، ޖޭ.އެސް.ސީ މެމްބަރުން ދަންނަފަރިތަ ގާތް އެކުވެރީންނާއި އެކުގައި މަސައްކަތްކޮށްފައިވާ ބޭފުޅުންގެ ނަން، އެ ބޭފުޅުންނަކީ ޖޭ.އެސް.ސީ މެމްބަރަކު ދަންނަ ފަރިތަ ބޭފުޅަކަށް ވާތީވެ އެއަށްބިނާކޮށް އެބޭފުޅުންނަށް އެއީ ސުޕްރީމްކޯޓުގެ ބެންޗަށް އެކަށީގެންވާ ބޭފުޅުންކަމަށްވިޔަތީވެ، ނަން ހުށަހެޅުމާ އިންކާރުކުރީމެވެ. އަޅުގަނޑުމެން އެކަކަށްވެސް ޤައުމުގައި ތިބި ސުޕްރީމްކޯޓަށް އެކަށީގެންވާ ހުރިހާ ބޭފުޅުންނެތް ނޭނގޭނެއެވެ. އަޅުގަނޑުގެ ނަޒަރުގައި އަޅުގަނޑުމެނަށް އެނގިހުރި މަޢުމޫމާތަކުން ނިންމާލާ، އަޅުގަނޑުމެން ދަންނަ ފަރިތަ، އަޅުގަނޑުމެން ޤަބޫލު ބަޔަކު ހޮވާލުމުން ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް އެންމެ އެކަށީގެންވާ ބޭފުޅުން ހަމަނުޖެހިދާނެއެވެ. އަދި އެ މަޤާމަށް މާ އެކަށޭނަ ބަޔަކު އުނިވެދާނެއެވެ.

އެއާއެކު ހުށަހެޅިފައިވާ ބައެއް ނަންތަކަށް، ސަބަބު ބަޔާންކޮށް، އަޅުގަނޑު އިންކާރު ކުރީމެވެ.

  • އަލްފާޟިލް މުޖުތާޛު ފަހްމީ

މުޖުތާޛު ފަހްމީ އަކީ ސުޕްރީމްކޯޓް ފަނޑިޔާރެއްގެ ކިބައިގައި ހުންނާންވާ ތަޢުލީމީ ޝަރުތު ފުރިހަމަވާ ބޭފުޅެއްނޫނެވެ. އަދި ފަނޑިޔާރެއްގައި ހުންނާންވާ ރަގަޅު އަޚްލާޤް ހުރި ބޭފުޅެއްވެސް ނޫނެވެ. 1998ވަނަ އަހަރު ޤާޟީއަކަށް ހުންނަވައި މަކަރުހައްދަވައި ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވެވަޑައިގެންފައިވާކަމަށް އޭރުގެ އެންޓި ކޮރަޕްޝަން ބޯޑުން ވަނީ ކަނޑައަޅުއްވާފައެވެ. މީގެ އިތުރުންވެސް މުޖުތާޛު ފަހްމީ އާމެދު ހުށަހެޅި ނުބެލި ހުރި ޝަކުވާތައް ޖޭ.އެސް.ސީގައި ހުރިއެވެ. އެހެންކަމުން މުޖުތާޛު ފަހްމީ އަކީ ސުޕްރީމްކޯޓު ފަނޑިޔާރަކަށް އިންނަވާން އެކަށީގެންވާ ބޭފުޅެއްނޫނެވެ.

  • އަލްއުސްތާޛު އަބްދުﷲ ސަޢީދު

އަބްދުﷲ ސަޢީދަކީ ތަޢުލީމީ ޝަރުތު ހަމަވި ނަމަވެސް ފަނޑިޔާރަކަށް އިންނެވުމުގެ ހައިސިއްޔަތު، ފަނޑިޔާރަކަށް އިންނެވުމުގެ މޯރަލް އޮތޯރިޓީ، ގެއްލިފައިވާ ބޭފުޅެކެވެ. 7 އޯގަސްޓް 2010ގައި އިންތިޤާލީ ސުޕްރީމްކޯޓް ތަޅު އެޅުވުމާއެކު ޢަބްދުﷲ ސަޢީދަކީ ކާކުކަން ވަނީ ޢާއްމުކޮށް ދައްކުވައިދެއްވާފައެވެ. ދިޓީވީ އަށް ދެއްވި އިންޓަރވިޔު އިން ޢަބްދުﷲ ސަޢީދަކީ ފަނޑިޔާރަކަށް އެކަށީގެންވާ ބޭފުޅެއްނޫންކަމާއި، އާދައިގެ އިންސާނަކަށްވުރެވެސް ޒާތީ ބޭފުޅެއްކަން ވަނީ ހާމަވެފައެވެ. ސުޕްރީމްކޯޓްގެ ބާރުތައް އަބުރާ ހޯއްދެވުމަށް އަޑުގަދަކުރައްވައި، އާދޭސްކުރައްވައި، އިންޒާރުދެއްވައި، ތެޅިވަޑައިގެންނެވިތަން އަޅުގަނޑުމެން އެންމެންނަށް ވަނީ ފެނިފައެވެ.

އިންތިޤާލީ މަރުހަލާ ނިމެން އައިއިރު، ރައީސުލްޖުމްހޫރިއްޔާ ނުވަތަ ވެރިކަމުގެ ބާރާއި، ރައްޔިތުންގެމަޖިލީހައި ކުރަމުންދިޔަ ސިޔާސީ ހަނގުރާމައިގެ ނާޖާއިޒު ފައިދާ ނަންގަވައި، ޢަބްދުﷲ ސަޢީދު ހުންނެވީ ރައީސުލްޖުމްހޫރިއްޔާއަށް ސިޓީފުޅެއް ފޮނުއްވަވައި އޭނާއަކީ ދާއިމީ އުއްތަމަ ފަނޑިޔާރުކަމަށާއި އިންތިޤާލީ ސުޕްރީމްކޯޓަކީ ދާއިމީ ސުޕްރީމްކޯޓު ކަމުގައި ނިންމަވައިގެންނެވެ. މަޤާމުގެ ނާޖާއިޒު ފައިދާ ނަންގަވައި، މަޤާމުގެ ބާރު ނަހަމަގޮތުގައި ބޭނުންކުރައްވައި، ސުޕްރީމްކޯޓު ކަނޑައަޅުއްވައި އައްޔަނުކުރައްވަން ރައީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންގެމަޖިލީހަށް ޤާނޫނުއަސާސީއިން ލިބިދީފައިވާ ބާރުތައް ޢަބްދުﷲ ސަޢީދު ހުންނެވީ އޭނާގެ މައްޗަށް ނަންގަވައިގެންނެވެ. ޤާނޫނުއަސާސީގެ ބާރު ކަނޑުވާލައިގެންނެވެ. މި ކަމަކީ އޭގެ ޒާތުގައި ހިމޭން ބަޣާވާތެކެވެ. މަޤާމުގެ ބާރު ނަހަމަގޮތުގައި ބޭނުންކުރައްވައި ޤައުމާއި ރައްޔިތުންނަށް ވީ ޚިޔާނާތެކެވެ. އެހެންނަމަވެސް، ރައީސުލްޖުމްހޫރިއްޔާވެސް، ރައްޔިތުންގެ މަޖިލީސްވެސް، މިކަން ބަލާ ޢަބްދުﷲ ސަޢީދާއި އިންތިޤާލީ ސުޕްރީމްކޯޓް ޖަވާބުދާރީ ކުރާކަށް ކަމެއް ނުކުރައްވައެވެ.

ޢަބްދުﷲ ސަޢީދު ދާއިމީވެ ސިޓީ ފޮނުއްވެވިއިރު ޖޭ.އެސް.ސީގެ ރައީސަކަށް އިންނެވީ ޢަބްދުﷲ ސަޢީދު އާއިއެކު ދާއިމީވާން ނިންމަވައި އެސިޓީގައި ބައިވެރިވެވަޑައިގެން އިންނެވި އިންތިޤާލީ ސުޕްރީމްކޯޓްގެ ފަނޑިޔާރު މުޖުތާޛު ފަހްމީއެވެ. އިންތިޤާލީ ސުޕްރީމްކޯޓް ފަނޑިޔާރުންގެ ނިންމުމަކީ އެންމެ ބޮޑު ޚިޔާނާތުގެ ޚިޔާނާތަކަށް، ބޮޑު ސުލޫކީ މައްސަލައަކަށް ވީ ހިނދު އެ މައްސަލަ އެޖެންޑާ ކުރުމަށް ތަކުރާރުކޮށް ދަންނަވައިވެސް މުޖުތާޛު ފަހްމީ މައްސަލަ އެޖެންޑާ ނުކުރައްވައި ޖޭ.އެސް.ސީ ގައި މި މައްސަލަ މަޝްވަރާކުރުމަށް ހުރަސް އެޅުއްވިއެވެ.

މީޑިޔާގައި އިންތިޤާލީ ސުޕްރީމްކޯޓުގެ ސިޓިގެ ވާހަކަ ޚަބަރަކަށް ކިޔާފަ އޭގެ ފަހުން ޚަބަރެއް ނެތެވެ. މާބޮޑު މަޝްވަރާއެއް، ދިރާސާއެއް، ނެތެވެ. ދަޢުލަތުގެ އެހެން މުއައްސަސާއަކުން ވެސް، ޤާނޫނީ ވަކީލުންވެސް ބަހެއް ވިދާޅެއް ނުވެ، އެކަން އޮބި ދިޔައީއެވެ.

  • އަލްއުސްތާޛު އަލީ ހަމީދު، އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲ، އަދި އަލްއުސްތާޛް ޢަބްދުލްޣަނީ

އަލީ ހަމީދާއި އާދަމް މުޙައްމަދަކީ 21 ޖެނުއަރީ 2010ގެ ހައިކޯޓު ޤަރާރު ނެރުމުގައި ބައިވެރިވި ދެ ފަނޑިޔާރުންކަމާއި އެ މައްސަލަ ތަހްޤީޤްކުރަން ކޮމިޝަނުން ނިންމައި، ތަހްޤީޤްނުކޮށް، ޖޭ.އެސް.ސީގައި އޮތްކަން އަޅުގަނޑު ފާހަގަކުރީމެވެ. ހައިކޯޓް ޤަރާރު ރައްދުވާ އޭރު ހައިކޯޓްގެ އިސްފަނޑިޔާރެއްގެ މަޤާމުގައި ހުންނެވި އަލްއުސްތާޛު ޢަބްދުލް ޣަނީ މުޙައްމަދުގެ މައްޗަށް އެޤަރާރުގައި ތުހުމަތުކުރައްވާފައިވާ ބޮޑެތި ސުލޫކީ މައްސަލަތައްވެސް ތަހްޤީޤު ކުރަން ނިންމައި ނުކޮށް ކޮމިޝަނުގައިވާކަން ފާހަގަކުރީމެވެ.

އެޖަލްސާގައި އިންދާ އަޅުގަނޑަށް ލިބުނު އެސް.އެމް.އެސް. ތަކުން ޑރ. އަޙްމަދު ޢަބްދުﷲ ދީދީ އަކީ ސުޕްރީމްކޯޓް ފަނޑިޔާރެއްގައި ހުންނާންވާ ތަޖްރިބާ ގެ ޝަރުތު ހަމަނުވާ ބޭފުޅެއްކަން އެނގުމުން އެމަޢުލޫމާތު އަޅުގަނޑު ހިއްސާކުރީމެވެ. އަދި ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ގެ ޝަރުތުހަމަވޭތޯ ބަލާފައިނުވާކަންވެސް ފާހަގަކުރީމެވެ. އަޅުގަނޑު ޖޭ.އެސް.ސީ މެމްބަރަކަށްހުރިއިރު ޑރ. އަޙްމަދު ޢަބްދުﷲދީދީ ގެ ސީވީ އެއް ވަރު ވެސް ނުދެކެމެވެ.

އެދުވަހުގެ ބައްދަލުވުމަށް ދިޔުމުގެ ކުރީން ރަށުތެރޭން އަޅުގަނޑުވެސް ވަނީ ޑީޑީ ސުޕްރީމްކޯޓަށްލާ ވާހަކައެއް އަޑުއަހާފައެވެ. އަޅުގަނޑަށް އެއަޑު އިވުމުން ހީވީ ޖޭ.އެސް.ސީ މެމްބަރަކަށް އިންނަވާ ކްރިމިނަލްކޯޓް ޢަބްދުﷲދީދީގެ ވާހަކަ ކަމަށެވެ. އެއީ ހަމަޤައިމުވެސް ސުޕްރީމްކޯޓަށް ޝަރުތުހަމަވާނެ ބޭފުޅެއްނޫނެވެ.

4 އޯގަސްޓް 2010 ދުވަހުގެރޭ ސިއްރިސިއްރުން ބޭއްވި ފަނޑިޔާރުންގެ ރަމްޒީ ހުވާކުރުމުގެ ރަސްމިއްޔާތަށްފަހު، ރައްޔިތުންގެމަޖިލީހުގެ އިދާރާއިން މީޑިޔާއަށް "ޖަވާބުދާރީ ވަމުން" ޤާނޫނުއަސާސީގެ 285ވަނަ މާއްދާ އަށް ޚިޔާނާތްތެރިވެ ޖުޑިޝަލް ސަރވިސް ކޮމިޝަނުން ޤާނޫނުއަސާސީއާއި ޚިލާފުވެ ޤާނޫނުއަސާސީގެ ބާރުކަނޑުވާލުމަށް މަސައްކަތްކުރި މައްސަލައިގެ ތަޙްޤީޤު  މަޖިލިސްކޮމިޓީއިން ކުރިއަށް  ނުގެންދެވިއޮތީ އަދި މައްސަލައިގައި ލީގަލް ކައުންސިލްގެ ލަފާފުޅެއް ނުލިބޭތީ ކަމަށާއި، ޤާނޫނުއަސާސީގެ 285ވަނަ މާއްދާ ލީގަލް ކައުންސިލް ޑރ. އަޙްމަދު ޢަބްދުﷲދީދީ ދިރާސާކުރައްވަނީކަމަށް ވިދާޅުވެފައިވާއިރު، އެ ޑރ. އަޙްމަދު ޢަބްދުﷲދީދީގެ ނަން ސުޕްރީމްކޯޓް ލިސްޓެއްގައި ކިޔާފާނޭކަމަށްވެސް އަހުރެންގެހުރި ބުއްދިއަށް ނުވިސްނުނީއެވެ.

ރައީސް ނަޝީދުވެސް ޢަބްދުﷲ ސަޢީދު ސުޕްރީމްކޯޓް ފަނޑިޔާރަކަށް އެކަށީގެންނުވާ ކަން ފާހަގަ ކުރައްވައި ތަފްޞީލުކޮށް ވާހަކަފުޅު ދެއްކެވިއެވެ. އުއްތަމަ ފަނޑިޔާރަކަށް ބޭފުޅަކު ކަނޑައަޅާން މަޝްވަރާ ކުރެއްވި ދުވަހު އޭރު ހުންނެވި ބަންޑާރަނައިބު އަލްއުސްތާޛު ހުސްނުއްސުޢޫދު ވަނީ އަދި އެހާތަނަށް އާއްމުކޮށް ނޭނގިހުރި ބައެއް މަޢުލޫމާތުވެސް ދެއްވާފައެވެ. ޙަޤީޤީ މަންޒަރުތަކެއް ސިފަކޮށްލަދެއްވައެވެ. މީގެ ތެރޭގައި ރޯދަމަހެއްގެތެރޭ ޢަބްދުﷲ ސަޢީދު ބޭނުންފުޅުވީ ހިނދި ބޭނުންފުޅުވީ ގަމީސްކޮޅު އިސްތިރިކުރައްވާފައިނެތުމުން ވީ ކޯފާގައި ހަމަބުއްދީގެ މައްޗަށް ޖަޒްބާތު އިސްކުރައްވައި އަނބިކަނބަލުން ވަރިކުރެއްވި ވާހަކައެއްވެސް ހިމެނެއެވެ. މިއީ ޖޭ.އެސް.ސީ މެމްބަރުންނަށާއި ރައީސް ނަޝީދަށް ލިބިހުރި މަޢުލޫމާތެވެ.

ޖަލްސާއަށް ކަނޑައެޅިފައިވާ ވަގުތު ހަމަވުމާއެކު ސުންސިކުންތައް ނިމިއްޖެއެވެ. ރައީސް ނަޝީދަކީ ވަގުތަށް ބަރާބަރު ބޭފުޅެކެވެ. ގަޑިއަށް ކަމޭހިއްތަވައި، ކަނޑައެޅިފައޮތް ވަގުތުގަ ކަންކުރައްވައި ނިންމަވާން ދެނެވަޑައިގަންނަވާ ބޭފުޅެކެވެ. މިއީ ޖޭ.އެސް.ސީ އަށް އައު ކަމެކެވެ.

އަޅުގަނޑުމެން ނިކުންނާން ތެދުވި އިރު، ރައީސް އަރިހުން ކުޑަ ވަގުތުކޮޅަކަށް ޝާހިދު އެދިވަޑައިގެން އަޑު އެހީމެވެ. އަޅުގަނޑު އެ މާލަމުން ނިކުތްއިރު ބިއްދޮށު ކަނެއްގައި ރައީސް ނަޝީދު ހުންނެވިއެވެ. ކުރިމަތީ ހުންނެވީ ޝާހިދެވެ.

ސުވާލެއްނެތި ރައްޔިތުންގެމަޖިލީހުން ސުޕްރީމްކޯޓް ބެންޗް ފާސްކުރުން

ރަށުތެރޭ ފެތުރިފަ އޮތް އަޑަކީ މެންދުރުފަހު ރައްޔިތުންގެ މަޖިލީސް ޖަލްސާއެއް ބާއްވައި، ސުޕްރީމްކޯޓް އައްޔަނު ކުރާ ވާހަކައެވެ. ތިއްބަވާ ބޭފުޅުންގެ ނަންތައްވެސް މީހުން ކިޔާ އުޅުނެވެ. އެންމެންވެސް ތިބީ އިންތިޒާރުގައެވެ. އެހެންނަމަވެސް ގަޑިން މެންދުރުފަހު 2 ޖެހި އިރުވެސް އަދި ޖަލްސާއެއްގެ ޚަބަރެއް ނެތެވެ. ރައްޔިތުންގެ މަޖިލީސް ކޮމިޓީ އާއި ލީޑަރުންގެ މަޝްވަރާތައް ހިނގަމުން ދިޔައީ ހުޅުވާލައިގެންނެއްނޫނެވެ. ހަވީރު 4 ޖަހާއިރޭ ކިޔާ، އަނެއްކާ ލަސްވެފައި ދެން މަޖިލީސް ޖަލްސާއަށް އިށީނީ އެރޭ ރޭގަޑުއެވެ.

ސުޕްރީމްކޯޓަށް ހުށަހަޅުއްވާފައިވާ ނަންތައް ރައްޔިތުންގެމަޖިލީސްގައި އިއްވާ އަޑުއިވުމުން، އަހުރެންނަށް ލިބިގެން ދިޔައީ ވަރަށް ބޮޑު ހައިރާންކަމެކެވެ. ޢަބްދުﷲ ސަޢީދަކީ ސުޕްރީމްކޯޓް ފަނޑިޔާރަކަށް އެކަށީގެންނުވާ ބޭފުޅަކު ކަމުގައި ވިދާޅުވެ، ސަބަބުތައް ބަޔާންކުރައްވައި ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅު އަޅުގަނޑުގެ ކަންފަތުން އަޑުއަހައިހުރެ އެނަން އޮތުމުން ޙައިރާންވިއެވެ. ޢަލީ ޙަމީދާއި އާދަމް މުޙައްމަދުގެ ނަންވެސް އޮތެވެ. މިއީ ޖޭ.އެސް.ސީ ގައި ތަހްޤީޤްކުރާން ނިންމައި ނުކޮށްއޮތް އެންމެ ސީރިއަސް ސުލޫކީ މައްސަލަ ރައްދުވާ ދެ ފަނޑިޔާރުންނެވެ.

އަނެއް އާދަޔާ ޚިލާފުކަމަކީ، ފަހަރުގައި ދުނިޔޭގެ ބަރުލަމާނީ ހަޔާތުގައިވެސް މުޅީން އައުކަމަކަށް ވެދާނެކަމަކީ، އެދުވަހު ފާސްކޮށް ތަސްދީޤުކުރި ފަނޑިޔާރުންގެ ޤާނޫނަށް އިޞްލާޙެއް ހުށަހަޅައި، ވަގުތުން ފާސްކޮސްލައި، އެ އިސްލާހުގެ ދަށުން ކަންނިންމާތަނެވެ.  ސުޕްރީމްކޯޓު ފަނޑިޔާރުކަމުގެ ޝަރުތުހަމަވުމަށް ބޭނުންވާ 7 އަހަރުގެ ތަޖްރިބާ ގުނުމުގައި ރާއްޖޭގައި ލިބިފައިވާ މަސައްކަތުގެ ތަޖްރިބާގެ އިތުރުން ރާއްޖެއިން ބޭރުގައި ލިބިފައިވާ މަސައްކަތުގެ ތަޖްރިބާވެސް ގުނެވޭނެ ކަމަށެވެ. މާނައެއް ނެތް އިޞްލާހެކެވެ. ސަބަބަކީ ތަފްޞީލުކޮށް ރާއްޖެއިން ބޭރުގެ ތަޖްރިބާ ގުނޭނެއޭ ނެތްނަމަވެސް މަސައްކަތުގެ ތަޖްރިބާ 7 އަހަރޭ އޮތްއިރު އެ 7 އަހަރު ގުނުމުގައި ރާއްޖެ އާއި ރާއްޖެއިން ބޭރު، ނުވަތަ ރާއްޖެއިން ބޭރު އެކަނިވިޔަސް ގުނުން ނަމާ ނުކުރާތީއެވެ. ސާފުކޮށް އެނގުނީ އެ އިޞްލާޙަކީ އޭރު ރައްޔިތުންގެ މަޖިލީހުގެ ލީގަލް ކައުންސެލްއަކަށް ހުންނެވި ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ގެ ކިބައިގައި 7 އަހަރު ދުވަހުގެ ތަޖްރިބާ ނެތި، އެވާހަކަ ދެކެވެމުން ދިޔައިރު، ޝަރުތު ހަމަނުވާކަން އޮޅުވާލުމަށް ފާސްކޮށްލި އިޞްލާހެއްކަމެވެ. އެވަރުންވެސް ޑރ. އަޙްމަދު ޢަބްދުﷲދީދީ ސުޕްރީމްކޯޓް ފަނޑިޔާރުކަމަށް ބޭނުންވާ ތަޖްރިބާ ހަމައެއްނުވެއެވެ. ކިޔަވާ ވިދާޅުވާން އުޅުއްވި އިރު ޓިއުޝަންދެއްވުން އެއީ މަސައްކަތުގެ ތަޖްރިބާގޮތުގައި ބެލިޔަސް، ސުޕްރީމްކޯޓް ފަނޑިޔާރަކަށް ބޭނުންވާ 7 އަހަރުގެ މަސައްކަތުގެ ތަޖްރިބާއެއް ލިބިވަޑައިގެންނެތެވެ.

އަޅުގަނޑު އެދުވަހު އިން ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ މެމްބަރުގެ މަޤާމުން މިކަންކަން ވަރަށް ގާތުން ބެލީމެވެ. ބުނަންޖެހޭ އެއްޗެހި ބުނެފައި އަޅުގަނޑު ހިމޭނުން އިނީއެވެ.  މިއީ މިހާރު ޖުޑިޝަލް ސަރވިސް ކޮމިޝަން ތެރޭ ޤާނޫނުއަސާސީއާ ޚިލާފުވާވުމެއްނޫނެވެ. ރައީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންގެމަޖިލީހާއި ސުޕްރީމްކޯޓަށް ފަނޑިޔާރުން ކަނޑައެޅުމުގައި ބައިވެރިވެތިބި ފަނޑިޔާރުން އެކުގައި ޤާނޫނުއަސާސީ އަށް ހަރާންކޯރުވަނީއެވެ. މަސްލަހަތާއި ޤައުމީ ސަލާމަތުގެ ނަމުގައެވެ.

ދާޚިލީ ސިޔާސީ އަރާރުންތަކާ ދުރުގައި ތިބެ، ސާފުތެދު މަޢުލޫމާތު ނުލިބުމުގެ ސަބަބުން ކަމުގެ ޙަޤީޤަތް ނޭނގިގެން ނުވަތަ ޤަޞްދުގައި އެކަމުގެ ތެރެއަށް ނުވަދެ، ބައިނަލްއަޤްވާމީ މުޖުތަމަޢުން ދިޔައީ ސިޔާސީ މަޝްވަރާއިން ޙައްލެއް ހޯދުމަށް ބާރުއަޅައި ވާގިދެމުންނެވެ. ހަމަހަމަނޫން ދެފަރާތެއް ވާހަކަ ދައްކައިގެން އިންސާފުވެރި އެއްބަސްވުމަކަށް ނާދެވޭނޭ ކަމެއް ނުދަތެވެ. ހަމައެކަނި އެމް.ޑީ.ޕީ އަކީ ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީއަށް ވުމުގެ މައްސަލައެއް ނޫނެވެ. އެމް.ޑީ.ޕީގެ ލީޑަރުންތެރޭވެސް ޤާނޫނުއަސާސީ ނަގަހައްޓައި، ޤާނޫނުއަސާސީއަށް އަމަލުކޮށް، ޑިމޮކްރަޓިކް ދައުލަތެއް ބިނާ ކުރުމުގެ އެއްބަސްވުމެއްނެތެވެ. ވަކިވަކި މެމްބަރުން މިކަމުގައި ގެންގުޅުއްވީ އެބޭފުޅުންގެ އެކިއެކި ޚިޔާލުފުޅުތަކެވެ. ރައްޔިތުންގެ މަޖިލީހުގެ ނުފޫޒުގަދަ ބައެއް މެމްބަރުންނަށް އެންމެ އިސްކަމެއް ދެވުނީ އެބޭފުޅުންގެ ކޮންޓްރޯލުން އެއްވެސްކަމެއް ގެއްލުނަ ނުދިނުމަށެވެ. މަޢުލޫމާތު ކޮންޓްރޯލްކޮށް، ޚިޔާލުތަފާތުވުމާ ދެކޮޅުހެދުނަ ކޮންޓްރޯލްކޮށް، ފަނޑިޔާރުން ކޮންޓްރޯލްކޮށް، ޙުކުމްތައް ކޮންޓްރޯލް ކުރުމެވެ.

ތެދެކެވެ. އެބުނާހެން މުޅި ދައުލަތް ވަނީ ޚިޔާނާތުގެ ހާއްޔެއްގައިކަމަށް ބުނާނީ މޮޔައެކެވެ. އެހެންނަމަވެސް، ކަންހުރިގޮތުގެ ޙަޤީޤަތަކީ އެއީއެވެ. ދިވެހިރާއްޖެއަށް މިނިވަން މުސްތަޤިއްލު ފަނޑިޔާރުގެއެއް ނުލިބި މިވަނީ އަޅުގަނޑުމެންނަށް ސިޔާސީކަންކަމަށް ފާރަވެރި ނުވެނި، ޤާނޫނުއަސާސީއަށް އިޙްތިރާމް ކުރުމުގައި ފެއިލްވުމުންނެވެ.

ސުޕްރީމްކޯޓަކީ ސިޔާސީ އެއްބަސްވުމެއްކަމުގައި ސީދާ ރައީސް ނަޝީދު ގެ ދޫފުޅުން އާއްމު ތަޤްރީރެއްގައި ވިދާޅުވުމުންވެސް އެކަމަކަށް ސަމާލުކަމެއް ނެތެވެ. މިއަދުވެސް އަމާޒަކަށް ވެފައިވަނީ ސުޕްރީމްކޯޓުގެ ބެންޗު އަލުން އަތުރައި، ރާވާލައިގެން ތަރުތީބު ކޮށްލުމެވެ. ދުސްތޫރީ ހަމަތަކުން އައްޔަނުކޮށްފައިވާ ޤާނޫނީގޮތުން ޞައްޙަ ސުޕްރީމްކޯޓެއް ދިވެހިރާއްޖޭގައި ނެތްކަން މިވަނީ ސާފުކޮށް ފެންނާށެވެ. ސިޔާސީ ލީޑަރުންނާއި، ޕާޓީ ތަކުގެ ލީޑަރުންނާއި، ރައްޔިތުންގެމަޖިލީހުގެ މެމްބަރުންނަށް އެޅުނު ޅައެއްޗަކާއި ހަވާލުނުވާން ތިބުމީ ހައިރާންވާންޖެހޭކަމެއްނޫނެވެ. ކަމުގެ ނުރައްކާއޮތީ ޤާނޫނުއަސާސީ އާއި އެ ޤާނޫނުއަސާސީ ބަޔާންކުރާ ޑިމޮކްރަޓިކް ދައުލަތަށާއި، ރައްޔިތުން ހޯދާން ނިކުތް ޢަދުލްއިންޞާފަށެވެ.

ދިވެހިރާއްޖޭގެ އަދުގެ މަސްރަޙު ދިރާސާކުރި އެންމެހައި ބައިނަލްއަޤްވާމީ އިދާރާތަކާއި ޖަމްޢިއްޔާތަކުން މިއަދު އެއްބަސްވާ ކަމަކީ ފަނޑިޔާރުގެ ޝައްކާއި ވަހުމުގެތެރޭގައިވާކަމާއި، ރައްޔިތުންގެ އިތުބާރު ފަނޑިޔާރުގެއަށް ގެއްލިފައިވާކަމާއި ދިވެހިރާއްޖޭގައި ޢަދުލުވެރި ޝަރީޢަތެއް އެކެއްގެ މައްޗަށްވެސް ނުހިންގޭނޭކަމެވެ.

ދިވެހިރާއްޖޭގައި ފަނޑިޔާރުންގެ މައްޗަށް އަލުން އިތުބާރު ހޯދައި ފަނޑިޔާރުގެއަށް ރައްޔިތުންގެ އިޙްތިރާމްހޯދާން ބޭނުންނަމަ ތިން ދަރަޖައިގެ ކޯޓްތައްވެސް ރޫޅާލައި، ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަލުން ފަނޑިޔާރުން އައްޔަނުކޮށް މުސްތަޤިއްލު ފަނޑިޔާރުގެއެއް ޤާޢިމުކުރާންޖެހެއެވެ. އައު ފެށުމަކުން ދުސްތޫރީ ޑިމޮކްރަޓިކް ދައުލަތެއް ޤާޢިމުކޮށް، ޑިމޮކްރަޓިކް ވެރިކަމެއް ދިވެހިރާއްޖޭގައި ހިންގައި ޤާޢިމުކުރުމަށެވެ.

 

AttachmentSize
SupremeCourt, Hedhunu Bodu Goaheh.pdf110.59 KB

Post new comment

The content of this field is kept private and will not be shown publicly.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.

More information about formatting options

Image CAPTCHA
Enter the characters shown in the image.
Velezinee Aishath  ©  2012